ލިޔުން ކިޔައިފައިވާ ޢަދަދު: 779
ބޮޗަލިޒަމް
ލިޔުން ކިޔައިފައިވާ ޢަދަދު: 779...

\| ލިޔުން ކިޔަން ހޭދަވާނޭކަމަށް ލަފާކުރެވޭ ވަގުތު: 4މިނިޓު \|
**ބޮޗަލިޒަމް** (botulism) އިންފެކްޝަން އަކީ ކާނާ ވިހަވުމުގެ(ބޭރަށްހިންގުމުގެ) ވައްތަރެކެވެ. ކާތަކެތީގެ ސަބަބުން ފެތުރޭ ބޮޗަލިޒަމް އަކީ ވަރަށް ނުރައްކާތެރި، އަދި އަވަސް ފަރުވާ ބޭނުންވާ ހާލަތެކެވެ. މިއީ ގައިންގަޔަށްއަރާ ބައްޔެއް ނޫނެވެ.
މިބަލި ޖައްސާ ޖަރާސީމް އަކީ ކްލޮސްޓްރިޑިއަމް ބޮޗަލިނަމް(Clostridium botulinum) އެވެ. މިއީ އާންމުކޮށް ވެއްޔާ ހިރަފުހުގައި ހުންނަ ޖަރާސީމެކެވެ. ބައެއް ފަހަރު ދަނޑުގޮވާމުގެ ބާވަތްތަކުގެ ތެރޭގައި ހިމެނޭ ޒުވާރި، މާމުއި، ތޮޅި ފަދަ ތަކެތީގައި ވެސް މިޖަރާސީމުގެ އަސަރު ހުރެދާނެއެވެ. ބޮޗަލިޒަމް އިންފެކްޝަންގެ ސަބަބުން ކާނާ ވިހަވުން ކުރިމަތިވަނީ ބަލި ޖައްސާ ޖަރާސީމް އާއި ތަޣައްޔަރުވެފައިވާ ކާތަކެތި ކެއުމުގެ ސަބަބުންނެވެ. އެގޮތުން ގޭގައި ދަޅުގައި ބަންދުކޮށްފައި ހުންނަ (އެސިޑުގެ އަސަރު މަދު) ޖަރާސީމާ ތަޣައްޔަރުވެފައިވާ ސަތާވަރީ، ފެހިއޮށް، ބީޓު، އަދި ޒުވާރި ފަދަ ތަކެތި ކެއުމުން މިބަލި ޖެހޭގޮތް ވެއެވެ. ބައެއް ފަހަރު ކޮށާފައި ތެލުގެ ތެރޭގައި ބަންދުކޮށްފައި ހުންނަ ލޮނުމެދު، ޓޮމާޓޯ، މިރުސް، އަދި ގޭގައި ފާރމެންޓްކޮށް ބަންދުކުރާ މަސް ފަދަ ތަކެތި، ބޭނުން ކުރުމުން ވެސް މިބަލި ޖެހިދާނެ އެވެ. މިފަދަ ކާތަކެތި ގިނަ ދުވަސްވެ، ހަލާކުވެ އޭގައި މިބަލި ޖައްސާ ބެކްޓީރިޔާ އުފެދި، އެއިން ދޫކުރާ ނާރުވިހަ "ނިއުރޯޓޮކްސިން"(Neurotoxin) ގެ ސަބަބުން ނާރުތަކުގެ ބާރުގޮސް، އުދަގޫތައް ކުރިމަތި ކުރުވަނީ އެވެ.
ކްލޮސްޓްރީޑިއަމް ބޮޗަލިނަމް އިން ދޫކުރާ ވިހަ އަކީ މިހާތަނަށް ހޯދިފައިވާ އެންމެ ބާރުގަދަ އެއް ވިހަ އެވެ. މިޖަރާސީމުން ތަފާތު 7 ބާވަތެއްގެ ވިހަ ދޫކުރެއެވެ. އޭގެ ތެރެއިން އިންސާނުންނަށް ވިހަކަމަށް ހޯދިފައިވަނީ 4 ބާވަތެކެވެ. އެއީ އޭ، ބީ، އީ އަދި އެފް އެވެ. މީގެ ތެރެއިން އެންމެ ވިހަ ގަދައީ އެފް ގެއެވެ.
ކްލޮސްޓްރީޑިއަމް ބޮޗަލިނަމް އިން ދޫކުރާ ވިހައިގެ މަސައްކަތަކީ ސިކުނޑިން ނާރުތަކަށް މެސެޖުފޮނުވައިދޭ "ނިއުރޯޓްރާންސްމިޓަރު"(neurotransmitter) ތަކުގެ މަސައްކަތަށް ހުރަސްއަޅާ ހުއްޓުވުމެވެ. އެގޮތުން މިވިހައިން ހުރަސް އަޅައި ހުއްޓުވަނީ "އެސީޓަލްކޯލީން"(acetylcholine) ކިޔޭ ނިއުރޯޓްރާންސްމިޓަރެއްގެ މަސައްކަތަށެވެ. މިއީ މަސްތަކުގެ ހަރަކާތްތަކަށް ބާރުއަޅާ ވާގިވެރިވެދޭ ނިއުރޯޓްރާންސްމިޓަރެކެވެ. މިނިއުރޯޓްރާންސްމިޓަރުގެ މަސައްކަތަށް ހުރަސްއަޅައި ހުއްޓުވައިފިނަމަ، މަސްތަކުގެ ބާރުދޫވެ، ވާގިނެތޭގޮތްވާނެ އެވެ.
ބޮޗަލިޒަމްގެ ތަފާތު 3 ވައްތަރެއް ހުރެއެވެ.
**(ހ) – ކާތަކެތީގެ ޒަރީޢާއިން ބޮޗަލިޒަމް ޖެހުން (food borne botulism):** މިގޮތަށް ބަލިޖެނީ ބޮޗަލިޒަމް ޖައްސާ ޖަރާސީމާ (ވިހައާ) ތަޣައްޔަރުވެފައި ހުރި ކާބޯތަކެތި ބޭނުންކުރުމުންނެވެ.
**(ށ) – ފާރުގަނޑުން އުފެދޭ ބޮޗަލިޒަމް (wound botulism):** ފާރުގަނޑުން ބޮޗަލިޒަމް އުފެދިގެން އަންނަނީ ފާރުގަނޑު "ބޮޗަލިޒަމް ސްޕޯރ"(botulism spore) އާ ތަޣައްޔަރުވެ، ސްޕޯރ އިން ވިހަ ދޫކުރުމުންނެވެ. މިގޮތަށް ބަލިޖެހެނީ ޖަރާސީމާ ތަޣައްޔަރުވެފައިހުރި (ސްޕޯރ ހުރި) ހިރޮއިން ފަދަ އެއްޗެއް އިންޖެކްޝަންގެ ޒަރީޢާއިން ހަށިގަނޑަށް ފޮނުވުމުގެ ތެރޭގައި ނުވަތަ ކޮކޭން ފަދަ އެއްޗެއް ނޭފަތުން އެތެރެއަށް ދެމުމުގެ ތެރޭގައި، ހަށިގަނޑުގެ ޓިޝޫތަކަށް ގެއްލުން ލިބުމުންނެވެ. ސަލާމަތުން ހުންނަ ހަމުގެ އެތެރެއަށް މިބެކްޓީރިޔާގެ ސްޕޯރ ނުވަންނާނެކަން ހަދާންކުރަން ޖެހެއެވެ. ފާރުގަނޑުގައި އުފެދޭ ބޮޗަލިޒަމްގެ އުދަނގޫތައް ފެންނަން ފަށާނީ ޖަރާސީމު ހަށިގަނޑަށް ވަންނަތާ 14-4 ދުވަހާ ދެމެދުގެ މުއްދަތެއް ގެ ތެރޭގައެވެ.
**(ނ) – ކުޑަކުދިންނަށް ބޮޗަލިޒަމް ޖެހުން (infant botulism):**މިގޮތަށް ބަލިޖެހެނީ ތުއްތު ދަރިފުޅަށް ބޮޗަލިޒަމް ސްޕޯރ ދިރުވާލެވިގެންނެވެ. އަދި ދިރުވާލެވުނު ސްޕޯރ ކުޑަ ގޮހޮރުގައި ވިހަ ދޫކުރާނެ އެވެ. އާންމުކޮށް ތުއްތު ކުދިންނަށް ބޮޗަލިޒަމް ޖެހެނީ އުމުރުން 12 މަސް ވުމުގެ ކުރިންނެވެ. އެއް އަހަރުވުމުން ތުއްތު ކުދިންގެ ހަށިގަނޑުގައި ބޮޗަލިޒަމް ސްޕޯރ އާ ދެކޮޅަށް ދިފާއީ ބާރު އުފައްދައިދޭނެ އެވެ. އެހެންކަމުން ބޮޑެތި މީހުންނާ، ކުދިންނަށް ބޮޗަލިޒަމް ސްޕޯރ އަކީ ގެއްލުންހުރި އެއްޗެއް ނޫނެވެ.
ކާތަކެތީގެ ސަބަބުން ޖެހޭ ބޮޗަލިޒަމްގެ އުދަނގޫތަކުގެ ތެރޭގައި މޭނުބައިކުރުން، ހޮނޑުލެވުން، ބޭރަށްހިންގުން ހިމެނެއެވެ. ބައެއް ފަހަރު ބޭރަށްހިންގުމަށް ބަނޑުހިކުން ދިމާވެއެވެ. މާގިނައިން ވިހައިގެ އަސަރު ހަށިގަނޑަށް ކޮށްފިނަމަ ފުރަތަމަ ވެސް ސިކުނޑިއާ ނާރުތަކަށް އޭގެ އަސަރުކޮށް އުދަނގޫތައް ފެންނަން ފަށައެވެ. ބޮޗަލިޒަމްގެ ސަބަބުން ކާނާ ވިހަވެ، ސިކުނޑިއާ ނާރުތަކަށް އަސަރުކުރުމުން ފެނިދާނެ އަލާމާތްތަކުގެ ތެރޭގައި ލޮލުގެ މަސްތަކުގެ ބާރުނެތި ލޮލުގެ ފެނުމަށް ބަދަލުއައުން، އެކައްޗެއް ޑަބަލްކޮށް ފެނުން، ލޮލުގެ ބޮޑި ތިރިއަށް ވެއްޓިފައި އޮތުން، އަވަރުވުން، އަނގަހިކުން، ކާތަކެތި ދިރުވަން އުދަގޫވުން، ވާހަކަ ދައްކަން އުދަނގޫވުން، މަސްތަކުގެ ވަރުދޫވުން، ލަގޮނޑި ބެދުން، ޝޮކުޖެހުން އަދި ހިތްހުއްޓުން ފަދަ ކަންތައްތައް ހިމެނެއެވެ.
ކުޑަކުދިންނަށް ބޮޗަލިޒަމް އިންފެކްޝަން ޖެހުމުން ފެނިދާނެ އަލާމާތްތަކުގެ ތެރޭގައި ރަގަޅަށް ނުކެއުން، ރަގަޅަށް ގާތުން ނުބުއިން، ބަނޑުހިކުން، ރުއިން، މަސްތަކުގެ ވަރުދޫވުން، ލޯބޮޑުވެ، ކަޅި ހުއްޓިފައި ހުންނަ ކަހަލަ ގޮތަކަށް އޮތުން، އަދި ވަރުދެރަވެ ހަކަތަ ހުސްވުން ފަދަ ކަންތައްތައް ހިމެނެއެވެ. ބޮޗަލިޒަމް އިންފެކްޝަން އާ ގުޅިގެން ކުރިމަތިވާ ހުރިހާ އުދަނގޫ ތަކަކީ ވެސް ޖަރާސީމުން ދޫކުރާ ނާރު ވިހައިގެ ސަބަބުން މަސްތަކުގެ ބާރު ދިއުމުން ކުރިމަތިވާ އުދަނގޫތަކެކެވެ.
ބޮޗަލިޒަމް އިންފެކްޝަން އަށް އެކަށޭނަ ފަރުވާ ނުދެވިއްޖެނަމަ، އަތްފައިގެ ބާރުގޮސް، ނޭވާލާން އުދަނގޫވުމަކީ ވެސް ވެދާނެ ގޮތެކެވެ. އާންމު ގޮތެއްގައި ބޮޗަލިޒަމްގެ ސަބަބުން ކާނާވިހަވުން ކުރިމަތިވާނަމަ އޭގެ އުދަނގޫތައް ޖަރާސީމާ ތަޣައްޔަރުވެފައިވާ ކާނާ ބޭނުންކުރާތާ 36-18 ގަޑިއިރާ ދެމެދުގެ މުއްދަތެއްގެ ތެރޭގައި ފެންނަން ފަށާނެ އެވެ. ނަމަވެސް ބައެއް ފަހަރު ކާނާ ބޭނުންކުރާތާ 6 ގަޑިއިރު ފަހުން ނުވަތަ ލަސްވެގެން ގޮސް ކާނާ ބޭނުންކުރާތާ 10 ދުވަސް ފަހުން ވެސް ކާނާ ވިހަވުމުގެ އުދަނގޫތައް ފެނިދާނެ އެވެ.
ބޮޗަލިޒަމް އިންފެކްޝަން ޖެހިފައިވާކަން ދެނެގަނެވެނީ، ލިބޭ މައުލޫމާތަކާ، ކުރިމަތިވެފައިވާ އުދަނގޫތައް ބަލައިގެންނާ، ބަލާ ބެލުންތަކުން އެނގޭ އެނގުންތަކަށް ރިއާޔަތްކޮށްގެންނެވެ. އެންމެ ފަހުން ކެއި ތަކެއްޗާ، އަދި ކުރިމަތިވެފައިވާ އުދަނގޫތަކާ ބެހޭ ގޮތުން ޑޮކްޓަރު ސުވާލުކޮށް މައުލޫމާތު ތައް އޮޅުން ފިލުވާނެއެވެ. ވިހައިގެ އަސަރު ހުރިތޯ ބެލުމަށް ލެބޯޓަރީ ޓެސްޓު ހެދުމާ، ޖަރާސީމު ގެ އަސަރު ހުރިތޯ ބެލުމަށް ބޮޑުކަމު ނަޖިސް ވެސް ޓެސްޓު ކުރެވެއެވެ. މީގެ އިތުރުން ސިކުނޑީގެ ސްކޭން ހެދުމާ، އެމްއާރުއައި ހެދުމާ، އަދި ސިކުނޑިއާ ސްޕައިނަލް ކޯޑުގެ ވަށައިގެން ހުންނަ ދިޔަ ވެސް ބައެއް ފަހަރު ޓެސްޓު ކުރެވެއެވެ.
ބޮޗަލިޒަމްކަން ޔަގީންކުރުމަށް ބަލިމީހާގެ ލޭގެ ސީރަމް ، ނުވަތަ ބޮޑުކަމުނަޖިސް މީދަލެއްގެ ގަޔަށް އިންޖެކްޝަންގެ ޒަރީއާއިން ފޮނުވާލެވެއެވެ. އަދި އެއަށްފަހު އެމީދަލުގެ ގައިން ބޮޗަލިޒަމްގެ އަސަރުފެނޭތޯ ބެލިދާނެ އެވެ.
ބޮޗަލިޒަމްގެ ސަބަބުން ކާނާ ވިހަވުން ކުރީކޮޅު ދެނެގަނެވިއްޖެނަމަ އެންޓިޓޮކްސިން(antitoxin) ބޭނުންކޮށްގެން ފަރުވާ ދެވިދާނެ އެވެ. އެންޓިޓޮކްސިން އަކީ ބޮޗަލިޒަމް ޖައްސާ ބެކްޓީރިޔާ އިން ދޫކުރާ ވިހައިގެ ބާރު ދުއްވާލަދޭ އެއްޗެކެވެ. އެންޓިޓޮކްސިން ދިނުމުން ބަލީގެ ހާލަތު އިތުރަށް ގޯސްވުން ކުޑަވެއެވެ. އެންޓިޓޮކްސިން ދިނަސް ބަލި އެއްކޮށް ރަގަޅުނުވެ ގިނަ ދުވަސްވުމަކީ ވެދާނެ ގޮތެކެވެ. ބައެއް ފަހަރު ޖަރާސީމާ ތަޣައްޔަރުވެފައިވާ ކާނާ ބަނޑާ ގޮހޮރުގެ ތެރޭގައި ހުސްނުވެ ހުރިނަމަ ހޮނޑުލައްވައިގެން ނުވަތަ އެނީމާ ދީގެން ނަމަވެސް އެތަކެތި ބޭރުކުރެވޭތޯ ބަލައިފާނެ އެވެ.
ނުރައްކާތެރި ހާލަތުގައި ނޭވާލުމަށް އެހީވެދޭ މަސްތަކުގެ ބާރު ދިއުމުން ނޭވާލާން ދަތިވެ، އަތްފައި ވާވެ ބާރު ދިއުމަކީ ހޮސްޕިޓަލްގައި އެދުމަތިކޮށްގެން ފަރުވާ ދޭންޖެހޭނެ ކަމެކެވެ. މިފަދަ ހާލަތުގައި ދެތިން ހަފްތާ ވަންދެން ނޭވާލައްވާ މެޝިން(ventilator) ގެ އެހީ ހޯދަން ޖެހިދާނެ އެވެ. މާނައަކީ ބަލިމީހާ އޮންނާނީ ނޭވާލައްވާ މެޝިނުގައި ބާއްވާފައެވެ.
ކުޑަކުދިންނަށް ބޮޗަލިޒަމް އެންޓިޓޮކްސިން ދިނުން އެދެވިގެން ނުވެއެވެ. ނަމަވެސް އެއް އަހަރުން ދަށުގެ ތުއްތު ކުދިންނަށް ބޮޗަލިޒަމް އަށް ފަރުވާ ކުރުމުގެ ގޮތުން ބޮޗަލިޒަމް އިމިޔުނޯގްލޯބިޔުލިން(botulism immunoglobulin) ދީއުޅެއެވެ.
ބޮޗަލިޒަމް އިން ރައްކާތެރިވުމުގެ ގޮތުން އަންނަނިވި ކަންތައްތައް ކުރެވިދާނެ އެވެ.
(ހ) – ހަލާކުވެފައިވާ ، ގިނަ ދުވަސްވީ ކާބޯތަކެތި ބޭނުންނުކުރުން
(ށ) – ކާބޯތަކެތި ބޭނުންކުރުމުގެ ކުރިން އޭގެ މުއްދަތު ހަމަވެފައިވޭތޯ ބެލުން
(ނ) – ދަޅުގައި ބަންދުކޮށްފައި ހުންނަ ކާބޯތަކެތި (މަހުގެ ބާވަތްތައް) ބޭނުންކުރާއިރު ރަގަޅަށް ކައްކައިގެން ބޭނުންކުރުން
(ރ) – އެއް އަހަރުން ދަށުގެ ކުދިންނަށް ރޯމާމުއި (ޖަރާސީމު ނުފިލުވާހުރި) ބޭނުންނުކުރުން ނުވަތަ ނުދިނުން
**ނޯޓް :** މިއީ މައުލޫމާތު ފެތުރުމުގެ ނިޔަތުގައި ލިޔެފައިވާ ލިޔުމެކެވެ.
**މައުލޫމާތު :** [http://www.webmd.com/food-recipes/food-poisoning/tc/botulism-topic-overview](http://www.webmd.com/food-recipes/food-poisoning/tc/botulism-topic-overview)[http://www.webmd.com/food-recipes/food-poisoning/food-poisoning?page=4](http://www.webmd.com/food-recipes/food-poisoning/food-poisoning?page=4)[http://www.webmd.boots.com/digestive-disorders/tc/botulism-introduction](http://www.webmd.boots.com/digestive-disorders/tc/botulism-introduction)
Your email address will not be published.
މި މަޖައްލާގެ ހުރިހައި ޙައްޤެއްގެ މިލްކުވެރިޔާ: © ލިޔުންތެރިންގެ ގުޅުން \- ހ. އާމުލީގެ \- މާލެ \| 2012 ވަނަ އަހަރުން ފެށިގެން މެދުކެނޑުމެއް ނެތި ޚިދުމަތް ދެމުންދާ މަޖައްލާއެއް.