ލިޔުން ކިޔައިފައިވާ ޢަދަދު: 62
ޢުމަރުލްފާރޫޤާއި މުސާފިރެއް!
ލިޔުން ކިޔައިފައިވާ ޢަދަދު: 62...

\| ލިޔުން ކިޔަން ހޭދަވާނޭކަމަށް ލަފާކުރެވޭ ވަގުތު: 2މިނިޓު \|
މީސްތަކުންނަށް ދިމާވެފައިވާ ދަތި އުނދަގޫ ކަންތައްތައް ދެނެގަތުމަށާއި އެމީހުންނަށް މަދަދު ކުރެއްވުމަށްޓަކައި ޚަލީފާ ހޭލައި ހުންނަވައި ގެން އެމީހުންގެ ޙާލު އަޙުވާލު ބައްލަވަމުންގެންދަވަނީއެވެ. އާބާދީ އާއި ދުރުގައިވާ މައިދާނެއްގައި އެކަލޭގެފާނު ހިންގަވަމުން ވަޑައިގެންނެވިއެވެ. މައިދާނުގެ އެއްފަރާތެއްގައި ފޭލިގެ އެއް ޖަހާފައި ވެއެވެ. ފޭލިގޭގެ ތެރެއިން އަންހެނަކު ރޯއަޑާއި ކުކުރާ އަޑު އެކަލޭގެފާނަށް އިވި ވަޑައި ގެންނެވިއެވެ.
އެކަލޭގެފާނު އެފޭލިގެއާ ދިމާއަށް ހިންގަވައި ގެންފިއެވެ. ފޭލިގޭގެ ދޮރުމަތިގައި ފިރިހެނަކު އިށީނދެލައިގެން އިނެވެ. ޢުމަރު ރަޟިޔަﷲ އަންހު އޭނާއާ ސަލާމް ކުރެއްވިއެވެ. އަދި ތިޔައީ ކާކުތޯ ސުވާލު ކުރެއްވިއެވެ.
ޖަވާބުން އެނގުނީ އޭނާއަކީ ރަށްފުށުގައި ދިރިއުޅޭ މީހެއް ކަމާއި މިރަށަށް ބީރައްޓެއްސެއްކަމެވެ. އަދި ދެންނެވިއެވެ. މިރަށަށް އައީ ޢުމަރުލް މުއުމިނީން އާ ބައްދަލު ކުރާށެވެ. ބޭނުމަކީ އެކަލޭގެފާނުގެ އަރިހުން އެހީފުޅެއް ހޯދުމެވެ. އެހިނދު އެ އަންހެން މީހާ އާ ބެހޭގޮތުން އެއީ ކޮން އަންހެނެއްތޯ އަދި އޭނާ އެކުކުރަނީ ކީއްވެގެންތޯ؟ ޢުމަރު ގެފާނު އެމީހާ އާއި ސުވާލުކުރެއްވިއެވެ.
މި ވާހަކަފުޅުތަކުން އެމީހާގެ ގާތަށް ރުޅިއަތުވެއްޖެއެވެ. އޭނާއާ މިވާހަކަފުޅު ދައްކަވަނީ އަމީރުލް މުއުމިނީންކަމެއް އޭނާއަކަށް ނޭނގެއެވެ. މިހެންވެ އޭނާ ދެންނެވިއެވެ. ﷲ ގެ އަޅާއެވެ! ކަލޭ ދާތާކަށް ދާށެވެ. ކަލެއާ އެއްވެސް ބެހުމެއް ނުވާ ކަމެއްގައި ސުވާލު ކުރަނީ ކީއްވެގެންހެއްޔެވެ؟
ފަހެ ޢުމަރުލް ފާރޫޤް ރަޟިޔަﷲ ޢަންހު ނުހަނު ލޯތްބާއި އޯގާވެރިކަމާއެކު އޭނާއާ ސުވާލު ކުރެއްވިއެވެ. "އޭ މުސާފިރު އަޚާއެވެ! ބުނެބަލާށެވެ. ކަލެއަށް ކުރިމަތިވެފައިވަނީ ކޮންމައްސަލައެއްހެއްޔެވެ؟ ކުޅަދާނަ ވެގެންވާނަމަ، އަހަރެން ކަލެއަށް އެހީތެރިވެދޭނަމެވެ"
އޭނާ ދެންނެވިއެވެ." އަޚާއެވެ! އެތެރޭގައި ވަނީ އަހަރެންގެ އަނބިމީހާއެވެ. އޭނާ ވިހަން ބަނޑުގައި ރިހެނީއެވެ. މިހާލަތުގައި އޭނާއާ އެހީތެރިވާނެ އެއްވެސް އަންހެނަކު އޭނާގެ ގާތުގައެއް ނުވެއެވެ.
ޢުމަރުލް ފާރޫޤް ރަޟިޔަﷲ ޢަންހު ވަގުތުން އަވަހަށް އެކަލޭގެފާނުގެ ގެކޮޅަށް ވަޑައިގެންނެވިއެވެ. އެކަލޭގެފާނުގެ އަނބިކަނބަލުން އުންމު ކުލްޘޫމް ބިންތު ފާޠިމަތު ރަޟިޔަﷲ ޢަންހު، އަވަހާރަފުޅުގައި ވަނިކޮށް ވިދާޅުވިއެވެ. އެކަމަނާ ހޭފުޅު ލެއްވެވިއެވެ. އަދި ވިދާޅުވިއެވެ. "އުންމު ކުލްޘޫމް! ކަމަނާއަށް ގިނަގުނަ ސަވާބާއި ދަރުމަ ލިބޭނެ ފުރުޞަތެއް ﷲ ތަޢާލާ ދެއްވައިފިއެވެ. އަނބިކަނބަލުން ސުވާލު ދެންނެވިއެވެ." ޢުމަރު ރަޟިޔަﷲ އަންހު! އެފަދަ ހެޔޮކަމަކާއި ބަރަކާތެއް އަދި ސަވާބާއި ދަރުމަ ލިބޭނެ ކަމަކީ ކޮބައިތޯއެވެ؟
ސައްޔިދުނާ ޢުމަރުލް ފާރޫޤް ރަޟިޔަﷲ އަންހު ހުރިހާ ވާހަކައެއް އަނބިކަނބަލުންނަށް ބަޔާންކޮށްދެއްވިއެވެ. އަދި މިފަދަ ހާލަތެއްގައި ވާ އަންހެނަކު އެހީތެރިކަމަށް އިންތިޒާރު ކުރާކަމަށް ވެސް ވިދާޅުވެ ދެއްވިއެވެ.
އުންމު ކުލްޘޫމް ހަމަ އެހިނދު ތެދުވަޑައިގަންނަވައިފިއެވެ. އަދި މިފަދަ ކަމަކަށް ބޭނުންވާނެ ހުރިހާ ސާމާނެއް ތައްޔާރު ކުރައްވައިގެން އެތަކެތި ހިއްޕަވައިގެން އެކަމަނާގެ ފިރިކަލުންނާއެކު ހިންގަވައިގެންފިއެވެ. މިކޮޅުން ޢުމަރު ރަޟިޔަﷲ ޢަންހު ވެސް އާޓާފުށާއި ގިތެޔޮ، ގޮވާމާއި މާމުއި އަދި ތެއްޔަކާ މިނޫންވެސް ބޭނުންވާނެ ހުރިހާ އެއްޗެއް ހިއްޕަވައިގެން ދެމަފިރިކަނބަލުން އެފޭލިގެއަށް ވަޑައިގަންނަވައިފިއެވެ. އުންމު ކުލްޘޫމް ރަޟިޔަﷲ ޢަންހު ފޭލިގޭ ތެރެއަށް ވެދެވަޑައިގަންނަވައި ފޫޅު މައެއްގެ ވާޖިބު އަދާ ކުރައްވަން ފަށްޓަވައިފިއެވެ. ފޭލިގޭ ބޭރުގައި އަމީރުލް މުއުމިނީން، އެ ބީރައްޓެހިމީހާއާ އެކު ކާއެއްޗެއް ކެއްކެވުމުގައި މަޝްޣޫލު ވެވަޑައިގަންނަވައިފިއެވެ. ޚުދު އެކަލޭގެފާނު އަލިފާން ރޯކުރެއްވުމަށްޓަކައި އަނގައިން ފުންމަވަމުން ގެންދެވިއެވެ. އެތެރެއިން އެ އަންހެންމީހާ ވިހައިފިއެވެ. ތުއްތު ކުއްޖެއްގެ ރުއިމުގެ އަޑު އިވިގެން ދިއުމާއެކު އުންމު ކުލްޘޫމްގެ އަޑުފުޅު ފޭލިގޭ ތެރެއިން އިވުނެވެ.
“އަމީރުލް މުއުމިނީން! ކަލޭގެފާނުގެ ރަޙުމަތް ތެރިޔާއަށް މިއުފާވެރި ޚަބަރު ދެއްވާށެވެ. މާތް ﷲ އޭނާއަށް ފިރިހެން ދަރިއަކު ދެއްވައިފިއެވެ”
ރަށްފުށުގެ (ބީރައްޓެހި) މީހާއަށް މިލަފުޒު ކޮޅުގެ އަޑުފުޅު އިވުމުން ވަރަށް ބޮޑަށް ޙައިރާން ވިއެވެ. އޭނާއާއެކު ކާ އެއްޗެއް ކެއްކުމަށް އުނދުނަށް ފުމެ ދަރުރޯކޮށް މިހައްދަވަނީ އަމީރުލް މުއިމިނީން ކަން އޭނާއަށް ކަށަވަރުވިއެވެ. އެކޮޅުން ރަށްފުށުމީހާގެ އަންހެނުން އަޖާއިބުވެ އަންތަރީސްވިއެވެ. އެހެނީ އޭނާގެ ފޫޅުމައެއްގެ ވާޖިބު އަދާކޮށް ދެއްވަމުން މިގެންދަވަނީ ޚުދު އަމީރުލް މުއިމިނީން ގެ އަނބިކަނބަލުންނެވެ. އަދި މިއީ ޢަލީ ރަޟިޔަﷲ ޢަންހު ގެ ދަރިކަނބަލުން ކަމާއި ރަސޫލުﷲ ޞައްލަﷲ ޢަލައި ވަސައްލަމަ ގެ ލޮބުވެތި ކާފަދަރިކަނބަލުން ކަންވެސް އޭނާއަށް ޔަޤީންވުމުންނެވެ.———————-
މި މަޖައްލާގެ ހުރިހައި ޙައްޤެއްގެ މިލްކުވެރިޔާ: © ލިޔުންތެރިންގެ ގުޅުން \- ހ. އާމުލީގެ \- މާލެ \| 2012 ވަނަ އަހަރުން ފެށިގެން މެދުކެނޑުމެއް ނެތި ޚިދުމަތް ދެމުންދާ މަޖައްލާއެއް.