ލިޔުން ކިޔައިފައިވާ ޢަދަދު: 59
ކުށް ޤަބޫލުކުރުން
ލިޔުން ކިޔައިފައިވާ ޢަދަދު: 59...

\| ލިޔުން ކިޔަން ހޭދަވާނޭކަމަށް ލަފާކުރެވޭ ވަގުތު: < 1މިނިޓު \|
ޢާންމު ގޮތެއްގައި އިންސާނުންގެ މިޒާޖަކީ ކުށް ޤަބޫލު ނުކުރުމެވެ. ކުށެއް ކުރެވުނަސް އެކުށް އެއީ ރަނގަޅު ކަމަކަށް ހެދޭތޯ މަސައްކަތް ކުރުމެވެ. އަދި އެއް ގޮތުން ނުވިއްޔާ އަނެއް ގޮތަކުންވެސް އެކުށަކީ އޭނާގެ ފުށުންވީކަމެއްނޫން ކަމަށާއި އެހެން ކޮންމެވެސް މީހެއްގެ ކަމެއް ކަމަށް ހަދަން އުޅުމެވެ.
އިންސާނުންނަށް ގިނަފަހަރު އުޅެވޭ ގޮތަކީ ކުށަކަށް އިޢުތިރާފުވުމުގެ ބަދަލުގައި އެކުށެއް އެއީ ރަނގަޅު އެއްޗަކަށް ހެދުމަށް މަސައްކަތް ކުރުމެވެ. އޭނާ ދެކޭ ގޮތުގައި ކުށަށް އިޢުތިރާފުވުމަކީ އޭނާގެ ބަލިކަށިކަމެވެ. އަދި ކުށަށް އިޢުތިރާފުނުވެ އުޅުމަކީ އޭނާގެ މޮޅުކަމެވެ. އަދި އެމޮޅުކަމުގައި ދެމިހުރުމެވެ.
ނަމަވެސް ބުއްދިވެރީންގެ ގޮތަކީ މިއެއްނޫނެވެ. ބުއްދިވެރީންގެ ގޮތަކީ އެމީހެއްގެ ކުށް ދެނެގަތުމެވެ. އަދި ކުށެއްކުރެވުމާއެކު ވީހާވެސް އަވަހަކަށް އޭނާގެ ކުށް ޤަބޫލުކުރުމެވެ. އެހެނީ ކުށްޤަބޫލު ނުކުރުމަކީ އެކުށެއްގެ މަތީގައި ޤާއިމުވެހުރުން ކަމުގައި ނޫނީ ނުވެއެވެ. އޭގެ އަނެއްކޮޅުން ކުށް ޤަބޫލުކުރުމަކީ ކުށެއް ކުރެވުމަށްފަހު އަވަސްއަވަހަށް އިޞްލާޙްވުމަށް މަސައްކަތް ކުރެވޭނީއެވެ. އަދި އެގޮތުން ތިމާގެ ޝަޙްސިއްޔަތު ހަރުދަނާ ކުރުމުގެ މަސައްކަތް މެދުނުކެނޑި ކުރިއަށް ގެންދެވެނީއެވެ.
ވިސްނާލަމާތޯއެވެ. ކުށެއްކުރުމަށްފަހު އެންމެ މުހިންމު ކަމަކަށްވަނީ ކުށެއްނުކުރާކަން ސާބިތު ކޮށްދިނުމެއްނޫނެވެ. އެހެނީ ކުށެއް ނުކުރާކަން ސާބިތު ކޮށްދިނުމުގައި ކާމިޔާބު ވެއްޖެނަމަ އެއިން ލިބޭ ގެއްލުމަކީ ތިމާކުރިންވެސް އެހުރި ހިސާބުގައި އަދިވެސް ހުރުމެވެ. އިޞްލާޙްވުމުގެ ފުރުޞަތު ނުލިބުމެވެ. އެހެންވީމާ އެންމެ މުހިންމުކަމަކީ ތިމާއަށް ކުށެއް ކުރެވިއްޖެނަމަ އެކުށެއް އަވަހަށް ޤަބޫލުކުރުމެވެ. އަދި ކުށަށް އިޢުތިރާފްވާން ޖެހިލުން ނުވުމެވެ. މިކަން މިގޮތަށް ކުރާން ފެށިއްޖެނަމަ އެމީހަކަށް އަބަދުވެސް އޮންނާނީ އައުކަންތައްތައް ދަސްވަމުން ދާނެއެވެ. އެމީހެއްގެ ޝަޚްޞިއްޔަތު އެއް ދުވަހުން އަނެއް ދުވަހަށް ހަރުދަނާވަމުން ދާނެއެވެ.
ކުށްޤަބޫލު ނުކުރުމުން ވާގޮތަކީ ތިމާ އިއްޔެވެސް ހުރިތާނގައި މިއަދުވެސް އަދި މާދަމާވެސް ހުރުމެވެ. އޭގެ އަނެއްކޮޅުން ކުށްޤަބޫލު ކުރުމުގެ ފައިދާއަކީ ތިމާ އަބަދުވެސް ތަރައްޤީ ކުރުމުގެ މަގު ހުޅުވުމެވެ. އައުކަންތައްތައް ދަސްކުރުމުގެ ދޮރުހުޅުވުމެވެ.
Your email address will not be published.
މި މަޖައްލާގެ ހުރިހައި ޙައްޤެއްގެ މިލްކުވެރިޔާ: © ލިޔުންތެރިންގެ ގުޅުން \- ހ. އާމުލީގެ \- މާލެ \| 2012 ވަނަ އަހަރުން ފެށިގެން މެދުކެނޑުމެއް ނެތި ޚިދުމަތް ދެމުންދާ މަޖައްލާއެއް.