ވާހަކައާއި އަދަބިއްޔާތު

ތިމާގެ ވެށި - އެންމެ ކައިރިން (191)

ލިޔުން ކިޔައިފައިވާ ޢަދަދު: 177...

ޝަކީލާ ޙާމިދު
ޝަކީލާ ޙާމިދު
3 މިނެޓްގެ ކިޔުމެއް5 ސެޕްޓެމްބަރު 2026
ތިމާގެ ވެށި - އެންމެ ކައިރިން (191)

ލިޔުން ކިޔައިފައިވާ ޢަދަދު: 177

\| ލިޔުން ކިޔަން ހޭދަވާނޭކަމަށް ލަފާކުރެވޭ ވަގުތު: 3މިނިޓު \|

އީދު ފާހަގަކުރުން: މާހައުލާއި ރަހުމަތްތެރި ކުރަންވީ!

ދިވެހިންގެ މާޒީގައި ކޮށްފައިވާ ހަމަ ކޮންމެ ކަމަކީ ރާއްޖޭގެ ތިމާވެށްޓާއި ބީރައްޓެހިކަމެއްނެތް ކަމެއްކަމުގައިވަނީ ވެފައެވެ. އެކަން އެހެންވީ ކޮންމެހެން  އެދުވަސްވަރު އެކަމަށް ވިސްނައިގެން ކަންކަންކުރާތީއެއް ނޫނެވެ. އެދުވަސްވަރަކީ ތިމާވެށީގެ ގޮތުން ދިވެހިންގެ  ޤުދުރަތީވެށްޓަށް ރައްކާތެރިކަން ލިބިފައިވާ ދުވަސްވަރެއްކަމުންނެވެ. މީހުންގެ ދިރިއުޅުން މުޅިންހެން ތަރުތީބުވެފައިވަނީ އެބަޔަކު ދިރިއުޅޭ ރަށްރަށުން ލިބެމުންދިޔަ ތަކެތިން  ކަންކަން ހަމަޖައްސައިގެންނެވެ.

މީގެ ތެރޭގައި އެ މީހުންގެ ސަގާފީ ކުޅިވަރުތައް ވެސް ހިމެނެއެވެ. މި ގޮތުން އީދުގެ ކުޅިވަރުތަކުގައި ރައްޔިތުން އުފާހޯދަމުން ދިޔައީ އެބައެއްގެ ރަށުން ލިބެން ހުންނަ ތަކެތީގެ ބޭނުންކޮށްގެންނެވެ. ނުވަތަ އަތޮޅުތެރެއިން ރަށަކުން އެފަދަތަކެތި ހޯދައިގެންނެވެ.

އެއަށްވުރެ ތަންކޮޅެއް ފަހުގެ ޒަމާނަކަށް އައިއިރު، މަދު ހާލަތްތަކުގައި އަވަށްޓެރި ކަރަކަރައިގެ ބައެއް ތަކެތި ބޭނުންކުރިއަސް، ދިވެހި މާހައުލު "ނުތަނަވަސްކޮށްލާ" ހިސާބަކަށް ނުދެއެވެ.

އެއީ މާޒީއެވެ. މިއަދު މިވަނީ ޒަމާން ބަދަލުވެފައެވެ. ދިރިއުޅޭ މާހައުލާއި ދުރުން  ތަކެތި ހޯދަންޖެހޭ ޙާލަތެއް އަބަދުވެސްވަނީ ކުރިމަތިވެފައެވެ.ދިވެހިންގެ ވިސްނުންވަނީ މިކަމުގައި އެ ގޮތަށް ބަދަލުވެފައެވެ.

އެއް މައްސަލައަކީ، ރާއްޖޭގެ ރަށްރަށުން ލިބެން ހުންނަ ތަކެއްޗަށް ކުރެވޭ ގަދަރުކުޑަވެ އެހެން ތަންތަނުގެ ތަކެތި ރީތިވުމެވެ. ދިވެހި މާހައުލުން ލިބެންހުރި ބާވަތްތަކުން އެއްޗެހި އުފައްދައިގެން ކަންކުރަން ބޭނުންނުވުމެވެ. މީގެ ބަދަލުގައި ބާޒާރުން ލިބެން ހުންނަ ޕްލާސްޓިކުގެ އުފެއްދުންތަކަށް ސަމާލުކަންދެވޭލެއް ބޮޑުވުމެވެ.

ދުނިޔޭގެ ގިނަ ބައެއްގެ ތެރޭގައި މި ވިސްނުން ތަންފީޒު ކުރެވެމުންދާވަރަކަށް ތިމާވެށީގެ ޝިކާރައަކަށް ބަދަލުވީ ހަމަ މުޅި ދުނިޔެއެވެ. ދިވެހިރާއްޖެއަށް ބަލާލާއިރު، އެކަހެރި ރަށްތަކެއްގައި ދިރިއުޅެމުން ދިޔަ ދިވެހިންގެ ހާލަތު ވެސް މެއެވެ. މި ބަދަލު މި އައީ ދުނިޔޭގެ ނިސްބަތުން ވަރަށް ކުރު މުއްދަތެއްގައެވެ. ފާއިތުވި ފަންސާހަކަށް އަހަރުގެ ތެރޭގައެވެ.

**އިސްކުރަންވީ ގައުމު؟**

ހާލަތު ބަދަލުކުރުމަށް އިސްކުރަންވީ ގައުމެވެ. ގައުމުގެ މާޒީން ލިބޭ އިބުރަތްތަކެވެ. ކާބަފައިންގެ މަތިވެރި ގުރުބާނީއެވެ. އީދު ފަދަ މުނާސަބަތުތަކުގައި މިފަދަ ވާހަކަތައް ތަންކޮޅެއް ބޮޑަށް ދައްކަންވެއްޖެއެވެ. ޒުވާން ކުދިންގެ ވިސްނުމަށް ބަދަލު ގެނެވޭނީ އެވާހަކަތައް އެ ކުދިންނަށް ވިސްނޭނެ ގޮތްގޮތަށް ކިޔާދީގެންނެވެ. ނުވަތަ ލިޔުންތަކުގައި ގެނެސްދީގެންނެވެ.

މިކަން މިއަދާއި އަންނަން އޮތް ޖީލާއި ހަމައަށް ވާރުތަ ކޮށްދެވިއްޖެ ނަމަ ހަމަ ޔަޤީނުން ވެސް އެ ކުދިން އިސްކުރާނީ ގައުމެވެ. އޭރުން އެހެން ބައެއްގެ ސަގާފަތުގައި، އުކަމުންދާ ކުލަތަކުން ދިވެހިންގެ ދޮންވެލި އަތިރިމަތިތަކުގައި ކުލަޖެހި މޫދުގެ ރީތި މާހައުލު ތަޣައްޔަރުވާކަށް ނުޖެހޭނެއެވެ. އަދި ދިވެހިންގެ ކުޅިވަރުތަކުގައި މިކުލަތަކުން "ފެންވަރާކަށް ވެސް" ނުޖެހޭނެއެވެ.

ޢީދު ފަހާގަކުރުމުގައި ރަށަށް އަރާ މެހުމާނުން ފަސޭހައަކަށް ދުރާލާ މިފަދަކަންކަން އެނގިފައި އޮންނަންޖެހެއެވެ. ޢީދުގެ ޕްރޮގުރާމުގެ މައިގަނޑު ތިމާއި ގުޅޭ ގޮތަށް ކަންކަން ހަމަޖެއްސުމަކީ، ރަށުގެ މާހައުލާއި ރައްޔިތުންގެ އުފާ ގުޅިލާމެހިފައިވާ ކަމަކަށް ހަދަން ޖެހެއެވެ.

މިކަން ފަށަން ރަނގަޅީ ދިރާސާއަކުންނެވެ. ވިސްނުމަށް އަންނަ، ކަމާ ގުޅުންހުރި ކަންކަން ނޯޓުކޮށްލުމަށް ފަހުއެވެ. ޚާއްޞަކޮށް ކުރިއަށް އޮތް އަހަރު އީދު ފާހަގަ ކުރާ ނަމަ މި އަހަރުގެ އީދުން ބޭނުންތެރި ސުވާލުތަކަކަށް ޖަވާބު ލިބޭނެއެވެ. މި ގޮތުން އެންމެ ބޮޑަށް ފާހަގަކުރަން ޖެހެނީ މިފަހަރު އީދާ ގުޅިގެން ރަށުގެ ތިމާވެށްޓާ ގުޅުންކުޑަ ތަކެތި ރަށަށް އެތެރެކުރެވުނު މިންވަރެވެ. މިކަމާ ގުޅިގެން ރަށުގެ ކުނިގޮނޑަށް ކުރިމަތިވި ގޯސް ބަދަލެވެ.

ހަމަމިއާ އެކު، ރަށުގެ ފިހާރަތަކުގައި ހުރި ތަކެތީގެ ތެރޭގައި ހިމެނޭ، ޕްލާސްޓިކު އުފެއްދުންތަކުގެ އަދަދަކީ ބޭނުންތެރި މައުލޫމާތެކެވެ. އީދު ނިމިގެން ދިޔައިރު ގާތްގަނޑަކަށް ނަމަވެސް އެތަކެތި ވިކުނު ވަރާއި ކުނީގެ ގޮތުގައި އެފަދަ ތަކެތި އަދާކުރި ދައުރެވެ.

މިފަދަ ލުއި ދިރާސާއެއްގައި ވެސް، ރަށުން ބޭރުން އައި މީހުންގެ ކަންކަން ޖުމުލަ ގޮތެއްގައި، ހުރިނެތްގޮތް އޮޅުންފިލުވުމަކީ ބޭނުންތެރި މައުލޫމާތެކެވެ. މި ގޮތުން އެ މީހުން އެކި ވައްތަރުގެ ލުއިބުއިމުގެ ދަޅާއި ޕަކެޓު ފަދަ ތަކެތި ވަރަށް ގިނައިން ގަންތޯއެވެ. މިފަދަ ތަކެތީގެ ތެރޭގައި  މެޓައާއި ފޯއްޕަކެޓު ފަދަ ތަކެތި ވެސް ހިމަނަންވާނެއެވެ.

އެފަދަ ތަކެތިން އުފައްދާ  ކުންޏަށް ވާގޮތަކީ ވަރަށް މުހިއްމު ބައެކެވެ. މީގެ އިތުރަށް މިފަދަ ތަކެތި އުކައިލެވެނީ އެކަން އިންތިޒާމުކުރެވިފައިވާ ގޮތަށްތޯއާއި އެންމެ ފަހުން މިފަދަ ކުނީގެ ނިމުން އަންނަ ގޮތަކީ އެންމެ މުހިއްމު ބައެވެ.

އަދި ނުނިމެއެވެ. ޗުއްޓީއަށް ރަށަށް ޒިޔާރަތްކުރާ މީހުން ބޭނުންކުރާ ރީތިވާ ސާމާނާއި އެހެން ވެސް އެކި ބޭނުންތަކުގައި ގެނައި އެފަދަ ތަކެއްޗަކީ އެ މީހުންގެ ވިސްނުން ހުންނަ ގޮތާއި އާދަތައް ދެނެގަންނަން ބޭނުންތެރިކަމެކެވެ.

މި މައުލޫމާތަކީ، ކުރިމަގުގައި  އީދު ފަދަ ހަރަކާތްތައް ރާވާ ހިންގާ ހެދުމަށް ޓަކައި، އިންތިޒާމުތައް ރާވާ ހިންގުމަށް ފަސޭހަކަމަކަށްވާނެއެވެ.

ރަށެއްގެ ދަތުރުފަތުރުގެ އިންތިޒާމު އޮންނަ ގޮތަކީ އެ ރަށެއްގެ މާހައުލުގެ ރައްކާތެރިކަން ކަށަވަރުކުރުމަށް ފަސޭހަކަމެކެވެ. ސަބަބަކީ ރަށެއްގެ މާހައުލާ ނުބައްދަލު މިންވަރަކަށް ތަކެތި އެތެރެވުމާއި އެކަމާ ހުރި ގުޅުން ބޮޑުކަމުންނެވެ. (ނުނިމޭ)

\\_\\_\\_\_\_\_\_\_\_\_\_\_\_\_\_

**ފޮޓޯ:** ކޮރޮސްރޯޑްސް މޯލްޑިވްސް

Your email address will not be published.

މި މަޖައްލާގެ ހުރިހައި ޙައްޤެއްގެ މިލްކުވެރިޔާ: © ލިޔުންތެރިންގެ ގުޅުން \- ހ. އާމުލީގެ \- މާލެ \| 2012 ވަނަ އަހަރުން ފެށިގެން މެދުކެނޑުމެއް ނެތި ޚިދުމަތް ދެމުންދާ މަޖައްލާއެއް.

ދިވެހި ބަސްއަދަބިއްޔާތުލިޔުންތެރިން